އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުން ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑުކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކުރައްވާފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތުގެ ތެރެއިން، އަންނަ އަަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ބީއެމްއެލް ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރެވޭނެކަމަށެވެ. އަދި ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކުރާއިރު، ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން އެބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާދެއްކޭ އަދަދުވެސް 1000 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަން ރައީސް މިފަހުން ވަނީ އިއުލާންކުރަައްވާފަ އެެވެ.
މީގެއިތުރުން އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.