ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އެކޯޕަރޭޝަނުން ފަށައިފިއެވެ.
އަމާން އުދަރެސް ޓަވަރު 14ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓަވަރަށް އާބާދުވާ, އެންމެ ފުރަތަމަ މީހާއަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ.
ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ އެމްޑީ ހަމްދާން ވަނީ “އަމާން އަތްމަތީ ފޮތް” ވެސް އިފްތިތާހުކޮށްދެއްވާފައެވެ. އަތްމަތީ ފޮތުގެ ޒަރިއްޔާއިން އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު އަދި އަގުހުރި އެތައް މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް އެފްޑީސީން ބުނެއެވެ. ޔުނިޓު ހަވާލުކުރުމާއި، އިމާރާތް ބޭނުންކުރުމުގެ އުސޫލުތައް އެފްޑީސީގެ ރަސްމީ ވެބްސައިޓުގައިވެސް ވަނީ ޝާއިއުކޮށްފައެވެ.
“އެފްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވުނު އުސޫލުން، ތަޅުދަނޑި ހަވާލުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ވެސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ. މި ނިޒާމުގެ ސަބަބުން ޚިދުމަތް ލިބިގަތުމުގެ މަރުހަލާތައް އިތުރަށް ހަރުދަނާވެ، ވަގުތާއި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ” ހަމްދާން ޝަކީލް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ. މި މަސައްކަތް ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދުއެވެ. ތަޅުގަނޑި ހަވާލުކުރުމުގެ މަރުހަލާ އަދި ހަވާލުކުރާ ދުވަސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެއެވެ.
އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމެއް އެކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ. އެ ހިދުމަތް ހޯދުމަށް މިއަދުން ފެށިގެން، ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިންގ ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ޖާގަ ބުކްކުރުމަށްފަހު އެ ސަރަޙައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބޭނެއެވެ.