ADVERTISEMENT

l_2025_09_25_124348_61psekv8y3zadi7l2hrjwf5qucn49motgxb_EN_

މީޑިއާ ކޮމިޝަނަށް ކުރިމަތިލެވޭނީ 30 އަހަރުން މަތީގެ މީހުންނަށް

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ މީހަކީ 30 އަހަރުން މަތީގެ މީހެއްކަމުގައި ވާންޖެހޭނެކަމަށް އެކޮމިޝަނަށް މެމްބަރުން އައްޔަންކުރާ ގަވައިދުގައި ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދުގައި ވާގޮތުން، މެމްބަރުކަމަށް ކުރިމަތި ލާ މީހަކީ، ކުރިމަތިލެވޭނީ ނޫސްވެރިކަމުގެ ނުވަތަ ބްރޯޑްކާސްޓިން ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ މީޑިއާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.

މީގެއިތުރުން، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް އަދި އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށްވެސް މެމްބަރުކަމަކަށް ކުރިމައްޗެއް ނުލެވޭނެއެެވެ. އަދި، ކޮމިއުނިކޭޝަނާއި، މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށްވެސް މި މަގާމަށް ކުރިމަތި ނުލެވޭނެއެވެ.

ގަވާގޮތުން އެ ކޮމިޝަނަށް އައްޔަންކުރާ މެންބަރުންގެ އިންތިހާބަށް ހުޅުވައިލުމުން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން 10 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި އެ މުއްދަތުގައި ނަން ހުށަހަޅާ ފަރާތްތަކަށް 48 ގަޑިއިރު ތެރޭގައި ޖަވާބުދޭންވާނެކަމަށްވެސް ގަވާއިދުގައި ވެއެވެ.

ގަވާއިދުގައި ވާގޮތުން އިންތިހާބުގައި މެންބަރުންނަށް ވޯޓުދިނުން ކުރިއަށްދާނީ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ވަކިންނެވެ. އެގޮތުން ބްރޯޑްކާސްޓަރުންނަށް ވޯޓުދެވޭނީ އެ ދާއިރާއިން އިންތިހަބުކުރާ ދެ މެންބަރުންނަށެވެ. އަދި އެހެނިހެން މީޑިއާތަކަށް ވޯޓުދެވޭނީ އެ މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުންނަށެވެ.

ގަވައިދުގައި ވަނީ، އިންތިހާބުގައި ވޯޓުލާން ކޮންމެ މީޑިއާއަކުން ފޮނުވޭނީ އެންމެ މީހެއްކަމަށެވެ. ވޯޓުލާން ފޮނުވާ މީހަކު، ކުންފުނިން ނުވަތަ މީޑިއާއިން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރަންޖެހެއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނަށް ހަތަރު މެންބަރުން އިންތިހާބު ކުރާނެއެވެ. އަދި ތިން މެމްބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT