ADVERTISEMENT

425488_6b88b9b2-c_

ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާ ހިސާބަށް ފަސޭހަކަން ގެންގޮސްދޭން: ރައީސް

ސަރުކާރުން ބޭނުންވަނީ، ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ހިދުމަތް ހޯދުމުގެ ‘އަޅުވެތިކަން’ ނިމުމަކަށް ގެންނަވައި، ރައްޔިތުންނާ ހިސާބަށް ފަސޭހަކަން، ގެނެސްދެއްވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ތ. ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

ރައީސް ވަނީ ރަށުގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، އުމްރާނީ ތަރައްގީގެ ކަންކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ވޭމަންޑޫގެ ތަރައްގީއަށްޓަކައި މުހިންމު ތިން މަޝްރޫއެއްގައި ރޭގެ ރަސްމިއްޔާތުގައި ސޮއިކޮށްފައިވާއިރު، މިމަޝްރޫއުތަކަކީ ރަށުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއުތަކެއްކަމުގައި ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ވޭމަންޑޫ ބަނދަރު އަޕްގްރޭޑްކުރުގެ މަޝްރޫއު، ބިން ހިއްކުމުގެ މަޝްރޫއު އަދި ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއެވެ.

ރައީސް ވިދާޅުވީ، އިއްޔެ އަލަށް ފެށި އާރްޓީއެލް ފެރީގެ ހިދުމަތަކީ މުޅި އަތޮޅަށް މުހިންމުވެފައި އޮތް ހިދުމަތެއްކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުންދަނީ، ތަރައްގީގެ ރާޑަރަށް ކޮޅުމަޑުލު އެރުވުންކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ފަށައި، ކޮޅުމަޑުލުގެ ނެޓްވޯކްއަށްވެސް އިތުރުކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގައި ރައީށސް ވިދާޅުވިއެވެ.

މީގެއިތުރުން ވޭމަންޑޫގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށްވެސް މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން، ނުނިމި، އަހަރުތަކެއް ފާއިތުވެފައިވާ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އިމާރާތުގެ މަސައްކަތްތައް 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ލަރނިންގް ސެންޓަރެއް އެރަށުގައި ތަރައްގީކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިންވެސް ރަށަށް ގެނެސްދެއްވާނެ ތަރައްގީގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ފީފާ ސްޓޭންޑާޑްގެ ފުޓުބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވައި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަސައްކަތްވެސް އަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ހާއްސަ، އެކަށީގެންވާ ފެންވަރުގެ ޕާކެއް ތަރައްގީކޮށްދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT