ADVERTISEMENT

424475_0747ec72-8_

އިތުރު 200 މަސްވެރިއަކަށް ލޯނު ދޫކުރާނަން: ރައީސް

އޮޑިދޯނިފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓަރ (އާރްއެސްޑަބްލިއު) ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރުގައި އިތުރު 200 މަސްވެރިއަކަށް ލޯނު ދޫކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތ. ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އާރްއެސްޑަބްލިއު ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރެއް، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާލައްވާނޭކަމަށެވެ. މިލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައިވަނީ ހިރިލަންދޫ އޮޑިވެރިންނަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލާ މި ލޯން ސްކީމްގެ ދެވަނަ ބުރުގައި އިތުރު 200 ފަރާތަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން، ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް، ޖަނަވަރީމަހު ފަށާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހިރިލަންދޫއަކީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށެއްކަން ފާހަގަކުރައްވައި، ރަށުގައި ކުރާ ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާނޭ އިތުރު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރަށުގެ ތަރައްގީގެ ޕްލޭންތައް ތައްޔާރުކުރުމުގައި އެ ބިމުން ކުރާނޭ ބޭނުންތައްވެސް ހިމެނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން ހިރިލަންދޫގައި ވަނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ހިރިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، އެ ރަށުގައި މިސްކިތެއް ބިނާކުރުމާއި ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވެއެވެ. އަދި، ހިރިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައި ވެއެވެ.

މިއަދުގެ ޖަލްސާގައި، އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައެވެ. ރައީސް ވަނީ، ކަމާ ބެހޭ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން، އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT