ޫމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ދެކޮޅަށް ކުރި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފިއެވެ.
އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާ ބިލާއި ދެކޮޅަށްކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށާއި، ގާނޫނާއި، ގަވައިދާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާކަމަށް ބުނެ، މީސްމީޑިއާގައި ފުލުހުންގެ މައްޗަށ ކުރާ ތުހުމަތުތައް އެކޮމިޝަނުން ބަލަން ނިންމާފައިވާަކަމަށެވެ.
ފުލުހުންގެ މައްޗަށްކުރާ މި ތުހުމަތުތައް ދޮގުކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޒާހަރާކުރި ސަރަހައްދަކީ އެއްވުން މަނާ އަދި ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމުން އެ އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށެވެ. އެހެންވެ، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަމަށެވެ.
އަދި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެ މައްސަލަ ރިވިއު ކުރުމަށްފަހު ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.