މ. ރަތްމަންދޫ ރައްޔިތުން އެހެން ރަަށަކަށް ބަދަލުކޮށްދިނުމަށް އެރަށު ރައްޔިތުން އެދިއްޖެއެވެ.
އެރަށު ރައްޔިތުން މިކަމަށް އެދިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އެރަށަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، ރަތްމަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ރަތްމަންދޫ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރަތްމަންދޫގެ ބައެއް ރައްޔިތުން ވަނީ، އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކުރައްވާފައެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްގީ އެއްފަސްކުރުމަކީ ހަރަދުކުޑަ ފައިދާކުރަނިވި ހަރުދަނާ ސިޔާސަތެއް ކަމަށެވެ. ނަމަވެސް އެއީ އެކަމަށް ރައްޔިތުން ބޭނުންވުމާއި، ބަދަލުވާން ގަސްދުކުރާ ރަށެއްގެ ރައްޔިތުން އެކަމަށް ބޭނުވުމާއި، އަދިވެސް އެހެނިހެން ކަންކަމާއި ގުޅިފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ގެންގުޅުއްވާ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެންކަމަށާއި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމަވައިފިނަމަ، ބަދަލުވާ ރަށެއްގައި މީހާރު ރަތްމަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންގޮސްދެވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ރަތްމަންދޫއިން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކާއި، ރަށުން ބަދަލުވާން ބޭނުންނުވާ ފަރާތްތަކުން ވަނީ އެމީހުންގެ ހިޔާލު ރައީސްއާ ހިއްސާކުރައްވާފައެވެ.