ADVERTISEMENT

422806_817145f8-d_

މަޑުއްވަރީ އައު ނިވައި ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފަށާނަން: ރައީސް

އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާނެ އުމްރާނީ ތަރައްގީގެ މަޝްރޫއަކީ، މ. މަޑުއްވަރީގައި އައު ނިވައި ބަނދަރެއް ތަރައްގީކޮށްދެއްވުން ކަމަށާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަހަރު ކުރީކޮޅުގެ ތެރޭގައި އެ މަސައްކަތް ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހިޔާލު ހުށަހަޅުއްވައި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތާއި ޝުއޫރުތައް ހިއްސާކުރައްވާފައިވެއެވެ. އެގޮތުން އެންމެ ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ނިވައި ބަނދަރެއްގެ ވާހަކައެވެ.

އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ބަނދަރުގެ މަސައްކަތްކުރިއަށް ގެންދަވާއިރު، ރަށަށް ބޭނުންވާ ތަރައްގީގެ އެހެން މަޝްރޫއުތައްވެސް ވަކި ތަރުތީބަކުން ކުރިއަށްގެންގޮސްދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިންވެސް މަޑުއްވަރީގައި މަޝްރޫއުތަކެއް ކުރިއަށްގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަޑުއްވަރީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ހިޔާލު ބަދަލުކުރައްވާފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT