ތިން ގައުމަކުން ފަލަސްތީީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމުމުން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ވަނީ ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައެވެ.
އެކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މިއީ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ. މިކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ގައުމުތަކުގެ މެދުގައި ހިޔާލު އެއްގޮތްކަން ހާމަވާކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މިހާތަނަށް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިނުވާ ގައުމުތަކުންވެސް އެ ގައުމުގެ ރައްޔިތުންގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދިނުމަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.
އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެއެވެ.