އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ މަތީ ފަންތީގެ ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ހޮނިހިރު ދުވަހު ފުރާވަޑައިގެންފި އެވެ.
މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްދާނީ ސެޕްޓެމްބަރ 22 އިން 30 އަށެވެ އަދި އާންމު ބަހުސް އޮންނާނީ ސެޕްޓެމްބަރ 23 އިން 29 އަށެވެ. މި ދަތުރުފުޅުގައި ދެ ވަޒީރުން މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކުރައްވާނެ އެވެ.
މިދަތުރުފުޅާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވީ، އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ދާއިރު، މިއީ އދ. މެންބަރު ޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަތާ 60 އަހަރު ފުރޭ އަހަރު ކަމަށެވެ. ވަޒީރު މިއަހަރުގެ ސެޝަނަކީ ކާމިޔާބު ސެޝަނަކަށްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން އިތުރުކޮށް އެ މަގަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަހަރު ކުރިއަށްދާ އާންމު މަޖިލިޙުގެ ސެޝަންގެ ބަހުސްގައި ޚާރިޖީ ވަޒީރު ޑރ.ޚަލީލް ތަޤްރީރު ކުރައްވާނެއެވެ. މީގެ އިތުރުން ހައި-ލެވަލް ހަފްތާގެ ހަވާސާގައި ދިވެހިރާއްޖެއިން ދެ ހަރަކާތެއް ކުރިއަށްގެންދާނެ އެވެ.
އޭގެ ތެރެއިން އެއް ހަރަކާތަކީ އެސްޓޯނިއާއާ ގުޅިގެން ކުރިއަށްގެންދާ “ޑިޖިޓަލް ޓްރާންސްފޮމޭޝަން ފޮރ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް” ނަމުގައި ބޭއްވޭ ހަރަކާތެކެވެ. އަނެއް ހަރަކާތަކީ “ޑެކޭޑްސް އޮފް ޕެރިސް އެގްރީމަންޓް: މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއަންސް” ގެ ނަމުގައި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.
ފޮރިން މިނިސްޓަރީއިން ވަނީ މި ބައްދަލުވުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި އ.ދ.ގެ މެމްބަރު ޤައުމުތަކާއި އދ.އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ބުނެފައެވެ. އަދި ޤަވާއިދުން ބައްދަލުނުވެވޭ އ.ދ.ގެ މެންބަރު ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތު ލިބޭކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.