ވ. ފެލިދޫގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ، ފެލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ފެލިދޫ ކައުންސިލު އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ފެލިދޫ ކައުންސިލުންވަނީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާއި، ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި ރަށުގައި ބިމުގެ ޖާގައިގެ ދަތިކަންހުރުމާއިއެކު، ވަކި ވަކި ކުޅިވަރު ކޯޓްތަކުގެ ބަދަލުގައި ރަށަށް އެންމެ ރަނގަޅީ ސްޕޯރޓްސް ކޮންޕޮލެކްސްއެއްކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ހޮސްޕިޓަލްގެ ފަރާތުންވަނީ ސީއެމްބިއުލާންސެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.