ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ ނިންމާލައިފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މި މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ބަނދަރު ތޮށި ހެދުމަށް ބޭނުންވާ ޕްރީކާސްޓް ޕެނަލްތައް މަސައްކަތް ކުރާ ސަރަހައްދަށް ގެނެވިފައިވާ ކަމަށާއި ސީ ޗެނަލް އަދި އެންކަރ ބްލޮކް އިންސްޓޯލްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ޖުމްލަ 132 މީޓަރުގެ ޝީޓް ޕައިލް އިންސްޓޯލްކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުއާއެކު، ޒަމާނީ ބަދަލުތަކާއި އެކު މަގު ބޭނުންކުރާ މީހުންނަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި މާލެ ސިޓީގައި ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ޓްރެފިކަށް ވެސް ލުއި ވާނެ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ވާރޭފެން ހިންދާ ނިޒާމެއް ގާއިމުކުރެވޭއިރު މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ވެސް އެމްޓީސީސީން ގަބޫލުކުރެ އެވެ.
144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްޤީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.