ADVERTISEMENT

549227937_1184948973670338_131798334908290585_n

ތިނަދޫ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދޭނަން: ރައީސް

ވ. ތިނަދޫ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މމި ޔަގީންކަން ދެއްވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ވ. ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައެވެ.

ވ. ތިނަދޫ ބަނދަރު ސަރަޙައްދުގައި މިރޭ ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވ. ތިނަދޫ ކައުންސިލުން ވަނީ ރަށުގެ ކަންކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ރަށަށް މި ވަގުތު އެންމެ ބޭނުންވެފައިވާ މުހިންމު ކަންކަން ރައީސްއަށް ދަންނަވާފައެވެ. މީގެ އިތުރުން އުމްރާނީ ގޮތުންނާއި، ސިއްހީ ދާއިރާގެ ކަންކަން ހިމެނޭހެން ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ރަށުގެ ކައުންސިލުންވަނީ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.

ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސް ވަނީ، އެކަންކަމުގެ ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ، ވ. ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭ.ޓީ.އެމް ޚިދުމަތްވެސް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. ރަށުގެ އިސްވެރިންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަނީ، ވ. ތިނަދޫއަކީ ރަށު ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ މާރިޗުމަހުގެ ކުރިން ޑޮލަރ އޭ.ޓީ.އެމްގެ ޚިދުމަތް، ރަށުގައި ތައާރަފުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ރައީސްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށު ކައުންސިލާއި، އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT