ADVERTISEMENT

224644_3_5a2f34aa02ac6a91b10f8e8d7b1aa75029b55bf9_large

ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުގެ އެންމެ ހަރުދަނާ އެއް ނިންމުން: މަހްލޫފް

ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ ސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއް ނިންމުންކަމަށް މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

‘އެކްސް’ގައި މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން މިވަގުތަށް އެއްބަޔަކު ހިތްހަމަ ނުޖެހުނަސް، މީގެ މަސްތަކެއް ނޫނީ އަހަރުތަކެއް ފަހުން، މިނިންމުމާއެކު ވޭޕުކޮށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި އެތައް ހާސް ޒުވާނުން އެކަމާމެދު އުފާކުރާނެކަމަށެވެ.

އަދި، ކޮންމެ މަހަކު ދުންފަތަށް އިސްރާފުކުރަމުންދިޔަ އެތައްހާސް ރުފިޔާއެއް ސަލާމަތްކުރެވޭނެކަމަށާއި، ވޭޕުގެ އަވައިގައި މަސްތުގެ މަގަށް ގެއްލެމުންދިޔަ އެތައް ކުޑަކުދިންނެއް ސަލާމަތްކުރެވޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

އީ-ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުން ކުރުން މަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެފަދަ ކަމެއްކޮށްފިނަމަ 20،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ނަގައެވެ. ކުރިން ސިނގިރޭޓާއި ބިޑިން ޑިއުޓީ ނަގަމުން އައީ 25 އިންސައްތައެވެ. އަދި ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ނަގަމުން އައީ ތިން ރުފިޔާއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT