މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު، ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވ. ފެލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މި މަސައްކަތްުގެ ދަށުން، 4005 އަކަފޫޓުގެ ސަރަހަށްދެއްގައި ބިންގަނޑު ކޮނުމާއި، މެޝަނަރީ އަދި ކޮންކްރީޓް މަސައްކަތްކުރުމާއި، ފުރާޅު ހަރުކުރުން ހިމެނެއެވެ. މީގެއިތުރުން ބޭރު ފަރުމާކުރުމާއި ދަވާދުލުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.
މިއީ، 5.34 މިލިއަން ރުފިޔާއަށް 240 ދވަސްތެރޭ ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
696 މީހުންގެ އާބާދީއެއް އޮންނަ ފެލިދޫއަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރަމުން އަންނަ ރަށެކެވެ. އެހެންކަމުން އެރަށުގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއެކު އިޖުތިމާއީ ގޮތުން އެރަށަށް ގިނަ ފައިދާތަކެއް ވާނެކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.