ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ، އޭގެ ނަތީޖާ ނެރެވިދާނެކަން މާފުށީ ކައުންސިލުން ސާބިތުކޮށްދެއްވައިފިކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މާފުށީގައި ބަނދެފައިވާ ސޭންޑް ބާޖް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ހަރަކާތްތައް ފެށިގެން އައިތާ 15 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ލިބިދިނުމާއި، ކައުންސިލްތަކަކީ މުސްތަގިއްލުކަމާއެކު ހިނގާނެ ތަންތަންކަމުގައި ހެދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ އޭގެ ނަތީޖާ ނެރެވިދާނެކަމުގެ އުއްމީދު މާފުށީ ކައުންސިލުން ލިބިފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މާފުށީ ކައުންސިލްގެ ފަރާތުން ފެނިގެންދަނީ ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ކުރިއެރުން ގެނެސްދޭތަން ކަމަށެވެ. އަދި މާފުށީގައި އިއްޔެ އިފްތިތާޙުކުރެވިގެން ދިޔަ ދެ މަޝްރޫޢަކީ ރައްޔިތުންގެ ކުރިއެރުމާއި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މާފުށީ ކައުންސިލުން އުފެއްދި ކުންފުންޏަކީ ރަށުގެ އިގްތިސާދަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކުންފުންޏަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ގިނަ ކައުންސިލުތަކުން އެ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ޓަކައި އިސްނެގުމާއެކު މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.