ADVERTISEMENT

-

ބިލު ފާސްވިއަސް ސޯޝަލް މީޑިއާ ރެގިއުލޭޓް ނުކުރާނެ: ފަލާހު

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްވިއަސް، ސޯޝަލް މީޑިއާ ރެގިއުލޭޓް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މިބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

ސަރުކާރުން މި ބިލަށް ހުށަހެޅި އިސްލާހުގައި، ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ހިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތައް މީޑިއާގެ ގޮތުގައި ވަނީ މާނަކޮށްފައެވެ.

އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މެމްބަރު ފަލާހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިލު ފާސވިއަސް ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައި ނެތްކަމަށެވެ.

“ތިޔަލޮބުވެތި ޒުވާނުން އަދި ރައްޔިތުން ގަދައަށް ހަމަ ސޯޝަލް މީޑިއާ ބޭނުންކުރައްވާ. ރައީސް މުއިއްޒުއަކީ ތިޔަ ޒުވާނުންނާއި، ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެފަދަ ތިޔަ ޒުވާނުންގެ އަދި ރައްޔިތުންގެ މުޅި މުސްތަގުބަލް އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ %100 ޔަގީންކަން އޮތް ވެރިއެއް! އެމްޑީޕީ އަކީ ލެޕްޓޮޕަކާ ފަޅުރަށަކުން މުޅި ގައުމު ހިންގޭނެކަމަށްބުނެ ރައީސް މަޢުމޫނުގެ ވެރިކަން ދޮގާއިމަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް. ޒަމާންތަކެއް މާޒީވިއަސް މިފަދަ ހަނދާންތަށް އާކުރަންޖެހޭ ވަގުތު އާކުރުމަކީ ވަރައް ބޭނުންތެރި މުހިއްމުކަމެއް” ފަލާހުގެ ޕޯސްޓުގައި ވެއެވެ.
ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލުކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ، ނޫސްވެރިކަމުގެ ތާޖު އަޅައިގެންތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ “މަޅީގައި” ޒުވާނުން ނުޖެހޭނެކަން ޔަގީންކަމަށެވެ.

ބިލާއި ގުޅޭގޮތުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު، ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ޖުމްލަ 14 އިސްލާހެއް އެ ބިލަށް ހުށައަޅާފައެވެ. މި ބިލާއި ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، ބިލަށް އިސްލާހު ހުށަހެޅުމުގެ މަގްސަދަކީ މީޑިއާއަށް އެއްވެސް ހުރަހެއް ނެތި ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދިނުމާއެކު، ދޮގު މައުލޫމާތުން އާންމުން ރައްކާތެރިކުރުންކަމަށެވެ. މި ބިލުގައި ޒިންމާދާރުކަމާއެކީ މީޑިއާއިން މައުލޫމާތުތަކުގެ ބޭނުންކުރުމާއި ދޮގު މައުލޫމާތު ފެތުރުން ފަދަ ކަންކަމަށް އަލިއަޅުވާލެވޭނެ މުހިންމު ސިޔާސަތުތަކެއް އެކުލެވިގެންވާކަމަށް އުޝާމް ވިދާޅުވިއެވެ.އުޝާމް ވިދާޅުވީ، އާންމުކޮށް ގިނަ ބިލުތަކުގައި، މާނަކުރަންޖެހޭ ކަންކަން މާނަކޮށް، އިތުރަށް ތަފްސީލްކުުރުމުގެ މަސައްކަތް ކުރަނީ، ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއެކު ކޮމިޓީ މަރުހަލާގައި ކަމަށެވެ. އެގޮތުން މި ބިލުގައި ހުރި ބައެއް ލަފްޒުތަކުގެ މާނަ އިތުރަށް ސާފުކޮށްދޭން އެދިފައިވާނެ ކަމަށާއި، އެގޮތުން “އިލެކްޓްރޯނިކް މީޑިއާ”އަކީ ކޮބައިކަން ތަފްސީލުކޮށް ހިމަނަން ހުށަހަޅައިފައިވާނެކަން އުޝާމް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT