ADVERTISEMENT

495686988_1090377833125634_6299107172360556638_n

ރައްޔިތުންގެ ހިޔާލު ހޯދައިގެން ނޫނީ އެއްވެސް އިސްލާހެއް ނުގެންނާނަން: ރައީސް

ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ނޫނީ އެއްވެސް އިސްލާހެއް ގެނައުމަށް އެދިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ ނުވަވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާ، އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުންކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާއެކު އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްގެން، ވީ އެންމެ އަވަހަކަށް، އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެހުމަށް ނިންމަވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އޮކްޓޯބަރ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް “އައްޑޫ” އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް “އައްޑޫ ސިޓީ ކައުންސިލް”ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ހިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.

މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީޚީ ވޯޓެއް ކަމަށާ، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT