ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ ޕެންޝަން އިނާޔަތްތައް ކުޑަކުރަން ތާއީދުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިސްލާހު ގެންނަން ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
މިކަމާއި ގުޅިގެން، މިިދިޔަ ދައުރުގައި މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާކަމަށެވެ.
ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތްތައް ކުޑަކުރަން ނިންމަވާފައިވާކަން ހާމަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރެއްވުމަށްޓަކައި، ކަމާ ގުޅުންހުރި ޤާނޫނުތައް އިސްލާހުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަކުރެއްވުމަށްޓަކައި، ޤާނޫނުތަކާއި ޤަވާއިދުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، އެ ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާއިދުތައް އިސްލާހުކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.