ADVERTISEMENT

759d9499-9105-4656-940d-c1a9eb484fa8

ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު މީޑިއާ ބިލު ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު އެބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށައެޅުއްވި މި ބިލު ދިރާސާކުރި މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އި އިސްލާހުތަކާއެކުު ކޮމިޓީން ބިލު ފާސްކުރީ މިއަދުއެވެ.

މިއަދުގެ ޖަލްސާގައި ބިލުގެ ކޮމިޓީ ރިޕޯޓް ވަނީ ހުށައަޅާފައެވެ. އެރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސްކޮށްފައިވާއިރު، ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ، މި ބިލާއެކު ނޫސްތައް އިތުރަށް މިނިވަންކުރެވި، ރައްޔިތުންނަށް ތެދު ޚަބަރު ފޯރުކޮށްދިނުމަށް މަގުފަހުވެގެންދާނެކަމަށެވެ. އިދިކޮޅު މެމްބަރުން ވަނީ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ. އަދި މިއީ ނޫސްވެރިންގެ އަނގައިގައި “ޓޭޕް” އެޅުމަށް ހުށައެޅި ބިލެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށްފައި ވެއެވެ.

ބިލަށް ބަހުސްކުރުމަށްފަހު، މަޖިލީހުގެ ތަޅުމުން ބިލަށް ހަތަރު އިސްލާހެއް ހުށައެޅިއެވެ. އެއީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށައެޅުއްވި ހަތަރު އިސްލާހެކެވެ.

އެއަށްފަހު ބިލަށް ވޯޓަށް އަހާފައިވާއިރު، ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންވި 60 މެމްބަރުންގެ ވޯޓާއެކުއެވެ. ބިލާއި ދެކޮޅަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. ބިލުގެ ވޯޓުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ކޮމިޓީން ބިލަށް ހުށަހެޅި މުހިންމު އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައެވެ. ބިލުގެ 18 ވަނަ މާއްދާގައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށްވެސް އިސްލާހު ގެނެސްފައި ވެއެވެ.

އަދި، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާއުނިކުރުމަށް އިސްލާހު ގެނެސްފައިވެއެވެ.

މީގެއިތުރުން، ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށްވެސް އިސްލާހު ގެނެސްފައި ވެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT