އަލިބާބާ މެދުވެރިކޮށް ރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުގެ މާކެޓަކަށް އެކްސެސް ލިބޭކަމަށް އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީއާ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލީބާބާއާ ގުޅިގެން “ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް – އަންލޮކިންގ އީ-ކޮމާރސް ވިތު އަލީބާބާ” ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިއްޔެ ވަނީ ވެބިނާއެއް ބާއްވާފައެވެ.
މިވެބިނާގައި އަލީބާބާ.ކޮމްގެ އިކޯސިސްޓަމާ ގުޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަރ އީ-ކޮމާރސް ޓްރެންޑް އާއި އަލީބާބާ.ކޮމްގެ ސެލާ އޮޕަރޭޝަންގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކުވައިދޭ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އެކްސްޕޯޓް ކުރިއެރުވުމަށާއި ބައިނަލްއަގުވާމީ މައިދާނަށް ނުކުތުމަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ވަސީލަތްތަކާ ގުޅޭ މައުލޫމާތުވެސް ބައިވެރިންނާ ހިއްސާކޮށްފައި ވެއެވެ.
މި ވެބިނާއާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިވަން ވިޔަފާރީގެ ފުރިހަމަ ނަތީޖާ އަދި ފުރުސަތުތައް ފަހިކުރުމުގައި ދުނިޔޭގެ އެންމެބޮޑު އެއް އީކޮމާސް ޕްލެޓްފޯމް ކަމުގައިވާ އަލީބާބާ އާއި އެކު ކުރިއަށްގެންދިޔަ މަޝްވަރާގައި ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ބައިވެރިވިކަމަށެވެ. މިޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުގެ މާކެޓަކަށް އެކްސެސް ލިބޭކަމަށާއި، އެއީ 40 މިލިއަން އެކްޓިވް ބަޔާސް ނުވަތަ މުދާ ގަންނަ ފަރާތްތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ޝައުގުވެރިވާ ފަރާތްތައް ގިނަކަން ފާހަގަކޮށް ރާއްޖޭގެ ޕްރޮޑަކްޓްސް ލިސްޓުކުރުމުގައި އެކުގައި މަސައްކަތް ކޮށްދޭން އެފަރާތުން އެއްބަސްވެފައިވުމަކީ ލިބިގެންދާ ކާމިޔާބެއް. މިފަދަ ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓްސް ހުޅުވުމަށް އަރާ ދަތިތައް ހައްލުކޮއްދޭނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ” މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އަލީބާބާ.ކޮމް އާއެކު ކުރަމުންދާ މަސައްކަތަކީ ސަރުކާރުގެ ފަންނުވެރި އިގުތިސާދުގެ އިސްތިރާޖު ކުރިއެރުވުމަށާއި، ދިވެހި ވިޔަފާރިތަކަށް ޑިޖިޓަލް ވިޔަފާރީގައި ބައިވެރިވެ، ދުނިޔޭގެ ފެންވަރުގައި ބައިނަލްއަގުވާމީ މާކެޓުތަކުގައި ވާދަކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ސިފަކޮށްފައި ވެއެވެ.