ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދުގައި ތާރު އަޅައި، މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަށް ޖުމްލަ 144 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މި މަސައްކަތް ކުރިޔަށްދާގޮތް ރައީސް ބައްލަވާލައްވާފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި، ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިތުރުުން އެ ކުންފުނީ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެއެވެ. އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްޤީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.
މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.