ADVERTISEMENT

G05bPHxa8AAzXym

އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އިސްލާމީ ހުރިހާ ގައުމަކަށް ދިން ހަމަލާއެއް: ރައީސް

އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުންކަމަށާއި، އެއީ އަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ އަރަބި – އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމަށެވެ. ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ތަގަރަށް ދޭން ޖެހޭނީ ހަމަލާ އެއް ނޫންކަމަށާއި، އެ ގައުމަށް ހައްގު ވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުން މަސައްކަތްކުރަނީ ސުލްޙަ އަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލުން ޤަޠަރަށް ދިން އެ ހަމަލާއަކީ، ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމާއި، ފަލަސްޠީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، ޢާންމު ރައްޔިތުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިސްރާއީލުން ހިންގާ ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުޞަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަޤުވާމީ ޤާނޫނު ހިންގާންވާނީ، ހުރިހާ ދައުލަތެއްގެ މައްޗަށްވެސް، ހަމަހަމަ ގޮތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށް ވިދާޅުވެ، ޤަޠަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، ރޭވިފައިވާ ސިޔާސީ، އިގްތިސޯދީ، އަދި ޚާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް ގޮވާލައްވާފައެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ބޮމުގެ ހަމަލާތައް ހުއްޓުވައި، ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް، ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނޭކަން ފާހަގަކުރައްވައި، ޤާނޫނާއި ޣައިރު ޤާނޫނާއި، އިންސާފާއި ނާއިންސާފާއި، ސުލްޙަ އާއި ނިރުބަވެރިކަމުންކުރެ އިޚުތިޔާރުކުރާނޭ ގޮތްތަކެއް، ދުނިޔެއިން ނިންމަންޖެހޭކަމަށެވެ.

ރާއްޖެއިން އަބަދުވެސް ގެންދަނީ، އިންސާނީ ކަރާމާތާއި، އިންސާފުގެ ދިފާޢުގައްޔާއި، އިސްތިޢުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤަށް ގޮވާލައި އަޑުއުފުލަމުންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT