ADVERTISEMENT

547488369_1196213519208768_3719586505667305281_n

ހީނާމާގޭ ޕާކިން ސަރަޙައްދުން އަނެއްކާވެސް 11 ބިދޭސީއަކު ހައްޔަރުކޮށްފި

ހީނާމާގޭ ޕާކިން ސަރަޙައްދުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ބިދޭސީން ހައްޔަރުކޮށްފައި ވަނީ އިއްޔެ އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 19 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މީގެތެރޭގައި ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ މީހަކު ވެސް ހިމެނެއެވެ.

އިމިގްރޭޝަނުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 17 ބިދޭސީން ހައްޔަރުކޮށްފަވާއިރު ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީން މި އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް އެ ސަރަހައްދުން ހައްޔަރުކޮށްފައިވެއެވެ.

އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަމަށް އެއިދާރާއިން ބުނެއެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT