ނިންމުންތައް ނިންމާ ކޮންމެ މަރުހަލާއެއްގައިވެސް އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު ވަރަށްބޮޑަށް އިތުރުކުރައްވައި، ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގިނަ ބައެއްގެ އަޑުއެހުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކާ، ހައްގުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކާއެކު ރާއްޖެއިން ސާބިތުކަންމަތީ ދެމިއޮންނާނެކަމަށެވެ. ވަކިން ހާއްސަކޮށް މިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ ބައިވެރިވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމަށް ޔުނައިޓަޑް ނޭޝަންސް ޖެނެރަލް އެސެމްބްލީއިން ނިންމީ 2007 ވަނަ އަހަރުއެވެ. އަދި ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް، ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ 15 ސެޕްޓެމްބަރ 2008 ގައެވެ.
މިދުވަސް ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރ 15 ވަނަ ދުވަސް ކަމުގައި ނިންމާފައިވަނީ، މި ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ ‘ޔުނިވަރސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ’، 1997 ވަނަ އަހަރު، އިންޓަރޕާލަމެންޓްރީ ޔޫނިއަނުން ބަލައިގެން ދުވަސް ކަމުގައިވާތީއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ޑިމޮކްރެޓިކް ވެރިކަމެއްގެ މުހިންމުކަން ހަނދާންކޮށްދީ، ސިޔާސީ މަރުހަލާތަކުގައި ރައްޔިތުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމެވެ.