ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ބަނދަރު ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ
އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫޢުގެ ދަށުން އެއްގަމުތޮށީގެ ބީމްތައް ޖެހުމުގެ މަސައްކަތް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރިހަމަކޮށްފައެވެ. އަދި މިވަގުތު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކެޕިން ބީމް އެޅުމުގެ މަސައްކަތެވެ. 2009 ވަނަ އަހަރުންފެށިގެން ބޭނުންކުރަން ފެށި މި ބަނދަރަކީ ރަށުގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގެ ދަތިކަން ދިމާވާ ބަނދަރެއްކަން ފާހަގަކުރެވެއެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި 38 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގެއްގައި އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައެވެ