ADVERTISEMENT

island-vegetation-shoreline-landscape

ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލުކުރަމުން ދަނީ ރާއްޖޭގެ މަސްލަހަތާ ގުޅޭ ގޮތަށް: މިނިސްޓަރު

ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލުކުރަމުން ދަނީ ރާއްޖޭގެ މަސްލަހަތާ ގުޅޭ ގޮތަށް ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ޑީޑީ) ކުރައްވާފައިވާ ޓުއީޓަކަށް ރައްދުދެމުންނެވެ. މި ޓުއީޓްގައި ސަރުކާރުން ލިޔެފައި ދޭ އެއް ހުތުބާއެއް ކިޔުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވާފައިިވެ އެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫންކަމަށެވެ. އަދި އަމިއްލައަށް ނުބަލާ ހުތުބާ ދިނުމުގެ ގާބިލްކަން ހުންނަނީ ވަރަށް މަދު އިލްމުވެރިޔަކަށް ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ނަމަވެސް މިހާރު ވެސް އަމިއްލައަށް ހުތުބާ ދިނުމުގެ ހުއްދަ އޮންނަ ކަމަށާއި، މިފަދައިން ހުތުބާ ދިނުމަށް ދޫކޮށްލުމުން، ބައެއް ބޭފުޅުން ހުތުބާ ފަށާގޮތަށް ނިންމުން ލަސްވެ، ރައްޔިތުންގެ މަސްލަހަތު ގެއްލިގެން ދާކަމަށް މިނިސްޓަރ ވިދާޅުވެފައިވެ އެވެ. ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ ކަމަށާއި މިކަމަށް ޖާގަ ނުދިނުމަށް އިސްލާމިކް މިނިސްޓްރީއިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލުކުރަމުން ދަނީ ރާއްޖޭގެ މަސްލަހަތާ ގުޅޭ ގޮތަށެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިންކަމުގައެވެ. އެހެން ނޫންނަމަ ރާއްޖޭގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާއަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ހުތުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްދާނެ ކަމަށެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT