ADVERTISEMENT

island-vegetation-shoreline-landscape

ދިގަލިއާއި އާއްޓޭގެ އިތުރުން އަށް މީހަކަށް ދައުވާކޮށްފި

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލާގައި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ގެ އިތުރުން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މި މައްސަލާގައި އާއްޓޭއާއި ދިގަލިގެ އިތުރުން އަށް މީހަކު ހައްޔަރުކުރި އެެވެ. ނަމަވެސް ކުށްކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާތީ އާއްޓެއާއި ދިގަލި، މިމަހުގެ 11 ވަނަ ދުވަހު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަލާގައި އާއްޓޭއާއި ދިގަލިގެ އިތުރުން މުއާޒް އަލީގެ މައްޗަށް ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި، ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި ދެން ހައްޔަރުކޮށްފައިވާ ޒިވާރު އިސްމާއީލް އާއި، އަހްމަދު ޝަހީމް އަދި އަދި އަހުމަދު ފިރުޝާންގެ މައްޗަށްވެސް ދެ ދައުވާއެއް ކޮށްފައި ވެއެވެ. އެއީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އާދަމް ވަހީދުގެ މައްޗަށް ކޮށްފައިވަނ ީއެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ހަސަން އަބްދުއްރަހްމާންއާއި މުހައްމަދު އަލައިމިންގެ މައްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މުހައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ދިވެހި ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ މީހުން، މި ކުށުގެ އަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއްކަމަށެވެ. އަދި މި ދައުވާތަށް ސާބިތުވާ ހާލަތުގައި، ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި، ހައްސާސްކަމަށް ރިއާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެކަމަށް ބުނެފައި ވެއެވެ

ކޮމެންޓް ސެކްޝަން

ADVERTISEMENT