ADVERTISEMENT

island-vegetation-shoreline-landscape

ސިލޯނާއެކު ދިވެހީން: މިހާތަނަށް 5.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ހާލަތުގައި އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ހާއްސަ ޓެލެތޯނަށް މިހާތަނަށް 5.7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.

އިއްޔެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދު މެންދުރު 2:00 ޖެހުމާއިހަމައަށް ކުރިއަށްދާނެއެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ހޯމަ ދުވަހުގެ ހެނދުނު 8:30 ޖެހުމާއި ހަމައަށް 5,729,941 ރުފިޔާ ވަނީ ލިބިފައެވެ.
އޭގެތެރޭގައި ހިމެނެނީ 5،087،837 ރުފިޔާއާއި 41،641 ޑޮލަރެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެގައުމު ވަނީ ކާރިސާގެ ޙާލަތުގައެވެ.

37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައެވެ. އާދިއްތަދުވަހުގެރޭ މެންދަމު 1:00ޖެހުމާ ހަމައަށް ޓެލެތޯން ކުރިއަށްގެންދަން ކުރިން ނިންމާފައި އޮތްނަމަވެސް، މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT