ADVERTISEMENT

EFD29E4A-64B4-431F-AE47-ECB08D6F17F0-e1613223344325-1536x948-1-700x700

އައްޑޫ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދޭން ފަށައިފި

އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.

އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މެނޭޖް ކުރުމަށްޓަކައި އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް އިއްޔެ މެންދުރުން ފެށިގެން ރެއާ ހަމައަށް ކަރަންޓު ކަނޑާފައި ވެއެވެ.

ފެނަކައިން ބުނީ އައްޑޫއަށް ކަރަންޓު ދެމުން އަންނަ ބޮޑު އެއް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ ސިޓީން ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން ދިމާވި މައްސަލަ ދެނެގަތުމަށް ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތުން އެ މައްސަލަ ދެނެގަނެވި، އެ މައްސަލަ ހައްލުކޮށް އެ ސިޓީގެ ހުރިހާ ރަށްތަކަށް ކަރަންޓު ދީފައިވާ ކަމަށެވެ.

އައްޑޫގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ މީގެ ކުރިން ވެސް ދީފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.

މިކަން ހައްލުކުރުމުގެ ގޮތުން ފެނަކައިން ދާދިފަހުން ވަނީ އައްޑުއަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނެސްފައެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ބުނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT