ADVERTISEMENT

451000_94ce48ab-3_

ޓެކްސީ ރެޖިސްޓްރީކުރުން ފަސޭހަކުރަން މަޝްވަރާކޮށްފި

ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުމުގައި ހުރި އިންތިޒާމްތައް މިހާރަށް ވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ވަނީ ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް ކުރެއްވިދާނެ ކަންކަން ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.

މީގެއިތުރުން، މާލޭގެ ޓްރެފިކު މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތައް ފާހަގަކޮށް އެ އެސޯސިއޭޝަނުން ވަނީ ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުން ހުރި ހިޔާލުތައް ވެސް ރައީސާ ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ވިސްނާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް ވެސް އަލިއަޅުވައިލެއްވިއެވެ.

އެމަނިކުފާނު ވަނީ ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، އެ އެސޯސިއޭޝަނުން ފާހަގަކުރި ކަންތައްތައް ހައްލު ކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT