ADVERTISEMENT

434305_d0096832-a_-700x700

މާވަށު ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށްދޭނަން: ރައީސް

ލ. މާވަށުގައި ސިއްހީ ދާއިރާ ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ހިދުމަތް ދެވޭގޮތަށް އަމާޒުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަން ހާމާކުރެއްވީ، އެމަނިކުފާނު ލ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާވަށުގެ ސިއްހީ މަރުކަޒުގެ ހދުމަތް މިހާރަށް ވުރެ ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، ރައީސް ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ހިދުމަތްތައް ހިމެނޭގޮތަށް ތަރައްގީކުރެއްވުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރުން ކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މާވަށަށް ހާއްސަކޮށްގެން ސީއެމްބިއުލާންސެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރަށުގައި 15 ހެކްޓަރުގެ ބިން ހިއްކަމުންދާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އިތުރު 15 ހެކްޓަރުގެ ބިމާއެކު، ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ބިން ހިއްކާ ނިމުމުން ރަށުގައި ތަރައްގީގެ އެހެނިހެން މަޝްރޫޢުއުތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ، ހައުސިންގް ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވައި، އެ ސަރަހައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

މާވަށުގައި މިއަދު ވަނީ، ކުޅިވަރާއި، ތައުލީމާއި، މަސްވެރިކަމާއި، މަގުހެދުން ފަދަ އުމުރާނީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ މުހިއްމު 11 މަޝްރޫއެއް ފަށާފައެވެ. އޭގެ ތެރޭގައި 8 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި، 3 މަޝްރޫއެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ރައީސް ވަނީ މި މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް އަވަހަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT