ADVERTISEMENT

l_2025_08_11_081532_n3kv8hgbod9qixjweyp465cmla7fz21rtus_EN_-400x400

ސައިބަރ ކްރައިމްތަކަށް ހޭލުންތެރިކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް

ސައިބަރ ކްރައިމްތަކަށް ހޭލުންތެރިކުރުމަށް ޕޮލިސް.އެމްވީގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން  ބުނެފިއެވެ.

ސައިބަރ ކްރައިމްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، އެފަދަ ކުށްތަކާއި އެކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރަން ނިންމާފައިވާ ކަމަށެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ސައިބަރ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަމްބަރުތަކާއި، އެކައުންޓް ނަމްބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ ފިޝިން ލިންކެއް އުޅޭނަމަ އެއާގުޅޭ މަޢުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް އަޒީފް ވިދާޅުވިއެވެ. އަދި ވަކި މެތަޑެއް ބޭނުންކޮށްގެން ސްކޭމްގެ އަމަލެއް ހިންގިނަމަވެސް އެއާ ގުޅޭ މަޢުލޫމާތުތައް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެޕްލިކޭޝަން ލޯންޗުކުރުމާއި އެކު ކޮންމެ 8 ގަޑިއިރަކުން 8 ގަޑިއިރަކަށް މަޢުލޫމާތުތައް އަޕްޑޭޓްކުރެވެމުން ދާނެއެވެ.

“މި އެޕުގައި މި ހިމެނޭ ޑާޓާގެ އިތުރުން އިތުރުން ސްކޭމް ކޯލެއް އިތުރު މީހަކަށްއައީ. މި ސްކޭމް ކޯލް އަންނަ ފަރާތުން އަޅުގަނޑުމެންނަށް އެ އިމްޕޯޓް އެބަ ކޮށްލެވޭ ޑޭޓާ. އެއަށްފަހު އަޅުގަނޑުމެން އޭތި ވެރިޑޭޓް ކޮށްފަ ޕަބްލިޝް ކުރާނަން. އެޕްގަ ހަމަ ސަރޗް ކޮސްލީމަ ހުރިހާ ރައްޔިތުންނަށްވެސް ފެންނަ ގޮތަށް މި އެޕް އަޅުގަނޑުމެން މި ލޯންޗުކުރަނީ.” ންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް

ކޮންމެ މީހަކުވެސް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ ކަމަށާއި، މުޢާމަލާތްކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ އެޕެއް ލޯންޗުކުރުމަށް ތައްޔާރުވާއިރު، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސައިބަރ ކްރައިމް ހުއްޓުވުމަށް ޤާނޫނުތަކަށް ގެނައި އިސްލާހުތައް ތަސްދީގުކުރައްވާފައެވެ. ސައިބަރ ކުށްތައް ހުއްޓުވުމަށް އިސްލާހު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައި އިސްލާހަކީ ސައިބަރ ސްޕޭސްގައި ހިންގާ ކުށްތަކަކީ ޤާނޫނުން ކުށެއް ކަމުގައި ކަނޑައަޅުއްވައި ސައިބަރ ކްރައިމްގެ ގޮތުގައި ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ކުށްތައް އިތުރުކުރުމަށް ގެނައި އިސްލާހެކެވެ.

ސައިބަރ ކްރައިމްގެ ގޮތުގައި އިތުރު ކުރެވުނު ކުށްތައް

* ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

* ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

* ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުން

* ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން

* ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން

* ސައިބަރ ވަޔަލަންސްގެ އަމަލުތައް

* ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް

* ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް

* ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހިމެނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT