ADVERTISEMENT

Addu-City-400x400

އައްޑޫ އާންމު ވޯޓު ނެގުން މިމަހު 25 ގައި

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ އާންމު ވޯޓު ނެގުން މިމަހުގެ 25 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ވަނީ ހުށައަޅުއްވާފަ އެވެ. އެހެންކަމުން އެސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމަށް ރައީސް ނިންމެވީ މިިދޔަ އާދިއްތަ ދުވަހުގައެވެ.

އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ވާގޮތުން، މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، މި މަމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށެވެ. އިލެކްޝަނުން ބުނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ވޯޓު ގުނާނެ ކަމަށެވެ.

ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރެއް ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މި ވޯޓުގެ ރަސްމީ ނަތީޖާ މި މަހުގެ 26 ވަނަ ދުވަހު އިއުލާނުކުރާނެ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT