ADVERTISEMENT

430016_a766e7e4-7_-700x700

މިދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް 27 ބިލެއް ހުށައަޅާނަން: ރައީސް

ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރުމަށް ގާނޫނ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، މަޖިލީހުގެ މިދައުރަށް ޖުމުލަ 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މަޖިލީހުގައި މިހާރުވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މި އޮކްޓޫބަރު މަހު ފެށުނު ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ، އޭގެ ތެރޭގައި އައު ގާނޫނުތަކެއްގެ ގޮތުގައި ތައާރަފު ކުރެވިގެންދާނެ 12 ގާނޫނެއްވެސް ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ، ގާނޫނު އަސާސީއަށް ގެނެވޭ އިސްލާއް ހިމެނޭގޮތަށް، އިސްލާހުތަކެއްވެސް މީގެ ތެރޭގައި ހިމެނޭކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށައަޅާ އިސްލާހެކެވެ. މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްގީ ގެނައުމުގައި ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، 27 ބިލުގެ ތެރޭގައި، ކޮރަޕްޝަން ނައްތާލުމަށް ރިއާޔަތްކުރެވޭ 6 ބިލެއް ހިމެނޭނެކަމަށެވެ. މިއީ ކޮރަޕްޝަން ނައްތާލުމަށް ގާނޫނުގައި މިވަގުތު ހުރި ހުރަސްތައް ނައްތާލައި، ހަގީގީ މާނާގައި ކޮރަޕްޝަން ނައްތާލުމަށް ގެނެވޭ އިސްލާހުތަކެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަނި ވާން އޮތް ކަމެއް ނޫންކަމަށާ، މިއީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަލަށް ގެންނަ އެއް އިސްލާހަކީ މަނީލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހުކަމަށެވެ. މިހާރު ހެދިފައިވާ ގާނޫނުތަކުގެ ތެރެއިން “ދެމިގަންނަ ފަރާތްތައް” ހުއްޓުވުމަށް އިސްލާހުތަކެއް ގެނެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރެއްވި އެސެޓް ރިކަވަރީ ބިލުގެ ވާހަކަ އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށްވެސް އިސްލާހުތަކެއް ހުށަހަޅުއްވާނެކަމަށާ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށާއި، ގާނޫނުލް ޢުގޫބާތަށްވެސް އިސްލާހުތަކެއް ހުށަހަޅުއްވާނެކަންވެސް އެމަނިކުފާނުު ވަނީ ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކޮރަޕްޝަންގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި، މި އިސްލާހުތަކާއެކު ޖުޑިޝަރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން، އަދި ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. އަދި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަވައި، ކޯޓުތަކުގައި ތަޅު އަޅުވާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT