ADVERTISEMENT

429080_c1c83011-4_-700x700

ސިއްހީ މަރުކަޒުތަކުން މިނިސްޓްރީތަކާ ސީދާ މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ

އަންނަ ޖެނުއަރީ މަހުން ފެށިގެން، ރާއްޖޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން، ވަކި މުއައްސަސާތަކެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ، ސީދާ ގޮތުން މުއާމަލާތުކުރެވޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އދ ގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިއްހީ ހިދުމަތްދޭ ތަންތަނުން މިނިސްޓްރީތަކާ ސީދާ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހުމުން މަސައްކަތުގެ މާހައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ކުރުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ކުރިއެރުން ލިބޭނެ އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުއާމަލާތު ކުރެވޭނޭ އިންތިޒާމު ހަމަޖެހުމާއެކު، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނޭކަމަށެވެ. އަދި ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ލުއިވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެކަމުގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT