ADVERTISEMENT

l_2025_04_06_010204_5qupkfaymdwcl4t7vsrgoej8236hzbin19x_EN_

ޕެޕާ ސްޕްރޭއަކީ ހާޓް އެޓޭކެއް ޖެހޭފަދަ ޒާތުގެ އެއްޗެއް ނޫން: އައިޖީއެމްއެޗް

ޕެޕާ ސްޕްރޭއަކީ ހާޓް އެޓޭކެއް ޖެހޭފަދަ ޒާތުގެ އެއްޗެއް ނޫންކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

އައިޖީއެމްއެޗްއިން މިހެން ބުނެފައި މިވަނީ، އެމްޑީޕީން މިިދިޔަ ހުކުރުދުވަހު ކުރިޔަށްގެންދިޔަ މުޒާހަރާގައި ހުއްޓާ އެމުޒާހަރާގެ ބައިވެރިއެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން އޭނައަށް ހާޓް އެޓޭކެއް ޖެހުނުކަމަށް އިދިކޮޅު ކުރާ ތުހުމަތުތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.

މުޒާހަރާގައި ހުއްޓާ ހާޓް އެޓޭކެއް ޖެހި ފަރުވާ ދެމުންދަނީ، އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންއަށެވެ.

އައިޖީއެމްއެޗްއިން ވަނީ ރަސްލާންއަށް ހާޓްއެޓޭކް ޖެހުުނު ހާދިސާއާއި ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތައް ސަމާލުކަމަށް އައިސަފައިވާކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާހެދި ހިތުގެ ލޭހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުގެ ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެންނެވެ. މިހެން އާންމުކޮށް ދިމާވަނީ ބަލި މީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުންކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗްއިން ބުނީ، ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވައަށް އުނދަގޫކޮށް، ކެއްސައި، އެދަފަ “ސްޓްރެސް ރެސްޕޮންސް”ތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫންކަމަށެވެ. ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން އެފަދަ ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓް އެޓޭކެއް ޖެހުންފަދަ ކަމެއް ވެދާނެކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

އައިޖީއެމްއެޗްއިން ބުނީ، މި ހާދިސާއަށްފަހު ބަލިމީހާއަށް ފަރުވާދީ، އޭނަގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށެވެ. އޭނައަށް މިހާރު ފަރުވާދެމުން އަންނަނީ ސީސީޔޫގައިކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އައިޖީއެމްއެޗްއިން ވަނީ، އެހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެ މީހަކަށްވެސް، އެމީހެއްގެ ހާލަތަށް ބަލައި އެވަގުތު ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް އަބަދުވެސް ދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.

ހުކުރު ދުވަހު ކުރިޔަށްގެންދިޔަ މުޒާހަރާގައި ޕެޕާސްޕްރޭ ޖަހާފައިވަނީ، މުޒާހަރާގެ ބައިވެރިން ފުލުހުންގެ އަމުރާ ހިލާފުވުމުންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT