ADVERTISEMENT

signal-2025-10-05-115610_002

އާޓިފިޝަލް ބީޗަށް ވުރެ ކުރިއަށް ނުދެވި މުޒާހަރާ ނިންމާލައިފި

އިދިކޮޅު އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންނަށް އާޓިފިޝިއަލް ބީޗަށްވުރެ ކުރިޔަށް ނުދެވި، މުޒާހަރާ އެއްކޮށް ނިންމާލައިފިއެވެ.

މިރޭ ކުރިޔަށްގެނދިޔަ މުޒާހަރާގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިން ބައިވެވަޑައިގެންނެވިއެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން މިދިޔަ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންވެސް މުޒާހަރާގައި ބައިވެރިވެފައި ވެއެވެ.

މުޒާހަރާ ނިންމާލާފައިވަނީ، އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ގެ ހާއްސަ ދުއާއަކުންނެވެ. ދުއާއަށް ފަހު މުޒާހަރާ ނިންމާލިކަން އިއުލާންކުރުމުން މުޒާހަރާ ކުރަމުންދިޔަ ސަރަހައްދު ދޫކޮށް، މީހުން ވަނީ ދާން ފަށައިފައެވެ.

މުޒާހަރާގައި ބައިވެރިންނާއި، ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. އެގޮތުން، އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މުޒާހަރާގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މުޒާހަރާގެ ތެރެއިން ބައިވެރިން ވަނީ ފުލުހުންގެ ތަކެއްޗަށްވެސް ގެއްލުންދީފައެވެ.

މުޒާހަރާގެ ތެރެއިން މީހަކު ޝީލްޑެއް ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާ ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން، ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވިދާޅުވެފައެވެ. އިހުސާން ވިދާޅުވީ، އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT