ADVERTISEMENT

signal-2025-10-05-115134_002

މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުންނަށް އަނިޔާކުރަމުން

އިދިކޮޅު އެމްޑީޕީން މާލޭގައި މިހާރު ކުރިޔަށްގެންދާ މުޒާހަރާގައި ފުލުހުންނަށް އަނިޔާކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެއްވުން ކުރިޔަށްގެންދަން ކުރިން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް، މަޖީދީމަގުން ކުރިޔަށްދާން ފެށުމާއި ގުޅިގެން އެގޮތަށް އަމަލުނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރުދީފައިވާނެކަމަށެވެ. ނަމަވެސް، އެކަމަށް އިޖާބަނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް ފުލުުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މުޒާހަރާގައި ހަމަނުޖެހުން ހިންގާނެތީ، މުޒާހަރާގައި ބައިވެރިނުވުމަށް ސަރުކާރުގެ އިސްވެރިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން، ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި، އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށެވެ.

އިހުސާން އެގޮތަށް ވިދާޅުވެފައިވަނީ މުޒާހަރާގެ ތެރެއިން މީހަކު ޝީލްޑެއް ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމު ކުރެއްވުމަށްފަހު އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT