ADVERTISEMENT

557611078-810102794903456-1199136824041530006-n-876x657

ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ލިބޭ: އައިއޭސީ

ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދެމުންދާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ.

އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުރި އިއުލާނެއްގައި ބުނީ، ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފަރާތުން، ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދީ ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ.

އޮބްޒާވާ ބޯޓެއްގައި ރާއްޖެއިން އައިއޭސީގެ ޖެނެރަލް ސެކެޓްރީ އިބްރާހިމް ޝާޒް ފްލޯޓިއްލާގައި ބައިވެރިވުމާ ގުޅިގެން، އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއްކޮށްފައިވާކަމަށް އައިއޭސީން ވަނީ ބުނެފައެވެ.
“މިނިސްޓްރީން މިކަން ވަރަށް ގާތުން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފަ. އަދި ބައިނަލްއަހުވާމީ މައިދާނުގައި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވޭ.” އައިއޭސީން ބުނެފައި ވެއެވެ.
އޮބްޒާވާ ބޯޓަކީ ފްލޮޓިއްލާގެ އެހެން ހުރިހާ ބޯޓެއްގެ ކަންކަން ބަލަހައްޓާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބޯޓެކެވެ. ސީދާަ ޣައްޒާއަށް ވަންނަން ދަތުރުކުރާ ބޯޓެއް ނޫނެވެ. އެސްރޭލުން ބޯޓުތައް އިންޓަސެޕްޓް ކުރުމާއެކު އޮބްޒާވާ ބޯޓުތައް ވަނީ ރައްކާތެރި ހިސާބުތަކަށް މިސްރާބު ޖަހާފައެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ރާއްޖެ ހިމެނޭހެން 44 ގައުމެއްގެ ރައްޔިތުން އިސްވެ، ޣައްޒާ ހިސާރުން ނައްތާލައި ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރު ކުރަމުންދާ ބޯޓުތަކެކެވެ. މި ބޯޓުތަކުގައި 500 އަށްވުރެ ގިނަ މީހުން ތިބިއިރު، އެ ގާފިލާއަށް ޔަހޫދީން ހުރަސް އަޅައި އެ ބޯޓުތަކުން ދަތުރުކުރަމުންދިޔަ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT