ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދް ފްލޯޓިއްލާއަށް، ޔަހޫދީ އިސްރޭލުން ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުމޫދް ފްލޯޓިއްލާއަށް ދިނީ ބިރުދެއްކުމުގެ ހަމަލާއެއް ކަމަށާއި އެކަންކަމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި، އިންތިހާއަށް އެހީއަށް ބޭނުންވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ މަދަނީ ބަޔަކަށް ހަމަލާދީ، ހިސާރުކުރުމަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފުކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިސްރޭލުން ކެނޑިނޭޅި އިންސާނީ ކަރާމާތަށް އަރައިގަތުމުގައި އެއްވެސް ހައްދެއް ނެތްކަމަށާއި، ރަހުމާއި ހަމްދަރުދީ އެއްފަރާތްކޮށް އިސްރޭލުން ހިންގާ މިއަނިޔާވެރިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިސްރޭލު ބާކީވެގެންދާނެކަމެއްކަމަށެވެ.
ރައީސް ވަނީ، އިސްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާއި، ހަމަތަކާއި، އިންސާނިއްޔަތާއި ދެކޮޅަށް ކެނޑިނޭޅި ހިންގަމުންދާ ޖަރީމާތަކާއި މެދު ޖަވާބުދާރީކުރުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލައްވާ ގޮވާލެއްވުން ތަކުރާރުކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ހައްގުތައް ކަށަވަރުކުރުމާއި، ސުލްހަ އާއި އަމާންކަން ހޯދުމުގައި ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދަވާނެކަންވެސް ރައީސް ތަކުރާރުކުރައްވާފައިވެއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ރާއްޖެ ހިމެނޭހެން 44 ގައުމެއްގެ ރައްޔިތުން އިސްވެ، ޣައްޒާ ހިސާރުން ނައްތާލައި ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރު ކުރަމުންދާ ބޯޓުތަކެކެވެ. މި ބޯޓުތަކުގައި 500 އަށްވުރެ ގިނަ މީހުން ތިބިއިރު، އެ ގާފިލާއަށް ޔަހޫދީން ހުރަސް އަޅައި އެ ބޯޓުތަކުން ދަތުރުކުރަމުންދިޔަ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.