މިއަހަރުތެރޭ 100 ދިވެހިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ނެރެނު ބަޔާނެއްގައި ހަލީމް ވިދާޅުވީ، ހިތުގެ ބަލިތަކަކީ މިހާރުވެސް ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބުކަމުގައި ވީނަމަވެސް، އެއީ އެންމެ ބޮޑަށް ރައްކާތެރިވެވިދާނެ ބަލިތަކުގެ ތެރެއިން އެއް ބަލިކަމަށެވެ. އެގޮތުން، ހޭލުންތެރިކަމާއި، ރައްކާތެރިވުމާއި ވަގުތުން ފަރުވާ ހޯދުމުގެ ސަބަބުން ފުރާނަތަކެއް ސަލާމަތްކޮށް، ސިއްހަތު ރަނގަޅު މުޖުތަމައުތަކެއް ބިނާކުރެވިދާނެކަން ހަލީމް ފާހަގަކުރެއްވި އެވެ.
ހަލީމް ވިދާޅުވީ، މިފަހަކަށް އައިސް ވަރަށް ބޮޑަށް ހިތުގެ ބަލިތަކާއި ގުޅިގެން ކުއްލިއަކަށް މަރުވާ އަދަދު އިތުރުވަމުންދާކަމަށެެވެ. ހާއްސަ ގޮތެއްގައި ޒުވާން އުމުރުގެ އާބާދީ މިކަމުގެ ޝިކާރައަކަށް ވަމުންދާކަން އޭނަ ފާހަގަކުރެއްވި އެވެ.
“މިކަމަކީ ހަމައެކަނި ހޮސްޕިޓަލްތަކުން ސަމާލުކަން ދޭންޖެހޭ ކަމެއް ނޫނެވެ. މިއީ ސިއްހީ ސިޔާސަތުތައް އެކުލަވާލާ އެންމެ މަތީ ފަންތީގައިވެސް ވަރަށް އަވަހަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އެހެންކަމުން އެމްސީޖީއެޗްއިން މިނިސްްޓްރީ އޮފް ހެލްތާއި، ޕިލިސީ އޮފީހާއި ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށާއި ރައްކާތެރިވުމުގެ މަގުޗާޓުތައް އެކުލަވައިލުމާއި އިތުރުވަމުންދާ ކަންބޮޑުވުމަށް ގައުމީ، ސިއްހީ ނިޒާމުން އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުންނެވެ” ހަލީމްގެ ބަޔާނުގައި ވެއެވެ.
ސަރުކާރުގެ އަމާޒަކީ، ހާއްސަ ފަރުވާތަކާއިއެކު ބަލިތަކުން ރައްކާތެރިވެ، އަވަހަށް ބަލިތައް ދެނެގަތުންކަމަށެވެ. އެހެންކަމުން ޕަބްލިކް ހެލްތް ސެންޓަރުތަކުން އެކިއެކި މުއައްސަސާތަކާއި، މުޖުތަމައުގެ އާންމު ފަރާތްތަކާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ބާއްވަމުން ގެންދާކަން ހަލީމް ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން މީހުންނަށް ލޭގެ ޕްރެޝަރު މަތިވުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރައްކާތެރި ކަންކަން ދެެނެގަނެ، އެކަންކަން ބެލެހެއްޓުމަށް މަގުފަހިވެގެންދާކަމަށް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވުމަށް ޕަބްލިކް ހެލްތް ސެންޓަރުންނާއި ސިޒޭޝަން ކްލިނިކްތަކުން ހިންގާ ޕްރޮގްރާމްތައް ވަރަށް ބޮޑަށް އިތުރުުކޮށް، ކާމިޔަބީތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން، 356 މީހުން މި ޕްރޮގްރާމުތަކުގައި ބައިވެރިވެ، 101 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، ތިން މަސްދުވަހަށްވުރެ ގިނަ ދުވަހު އެކަން ދަމަހައްޓާފައިވާކަމަށް އޭނަ ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ، ހިތުގެ ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކަށް ހުށައެޅޭ ހިރާސްތައް ދެނެގަނެ ރައްކާތެރިވެތިބުމަށް ބާރު އެޅުމާ