ADVERTISEMENT

hafiz

ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާހަމައަށް ކިޔެވުމުގެ ފުރުސަތު

ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ހާސިލުކުރާ ފަރާތްތަކަށް، ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތުދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، އެންމެ ބޮޑަށް ހިތްވަރުދީ، އެންމެ ބޮޑު އިނާމުތަކެއް ދޭންޖެހޭނީ މާތްﷲގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔަވާ މީހުންނަށްކަމަށެވެ.
އެހެންކަމުން މިއަހަރުން ފެށިގެން، ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލާ އަދި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތު ދޭން ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމް ހާސިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ދޭނެކަމަށެވެ.
މީގެއިތުރުން އެ ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ، މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑުވާނެކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރު ބާއްވަނީ ގައުމީ ގުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 1،023 ފަރާތަކުން ބައިވެރި ވެފައި ވެއެވެ. އެއީ، ބަލައިގެން ކިޔެވުމަށް 582 ބައިވެރިންނާއި، ނުބަލާ ކިޔެވުމަށް 412 ބައިވެރިންގެ އިތުރުން ހާޒިފުންގެ ބައިން 29 ފަރާތެއް ބައިވެރިވެފައި ވެއެވެ.
ކޮމެންޓް ސެކްޝަން

ADVERTISEMENT