މާދަމާ އިން ފެށިގެން 30 މަސްދުވަސް ތެރޭ ތ ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްގީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މިއަދު ރަސްމީގޮތުން ފައްޓައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމާދެއްވާނެކަމަށެވެ. ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް މިއަދު އަމަލީ ގޮތުން ފައްޓައި، ގިނަވެގެން އަށާރަ މަސްދުވަސް ތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ހައްގުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިހުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ހައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށާއި، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށެވެ.
މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވައި، ބީއެމްއެލް ވިލުފުށީ ބްރާންޗްގެ ބިންގާވެސް އަޅުއްވާނޭކަންވެސް ރައީސް ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުގެ ހިދުމަތް ލިބޭނޭ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް އެ ރަށުގައި ގާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.