މ. މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މިމަސައްކަތް ފައްޓަވައިދެއްވީ، ހެލެތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
މި މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ، 24.5 މިލިޔަން ރުފިޔާއަށެވެ. މަޝްރޫއު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރު އޯގަސްޓްމަހަށެވެ.
މުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، މިމަޝްރޫއުއަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއްކަން ފާހަގަކުރައްވާފައެވެ. އަދި މިމަސައްކަތުގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށާއި، މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.