މ. ދިއްގަރުގެ ތަރައްގީއަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ފަތުރުފުޅުގެ ތެރެއިން، ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމު މަޝްރޫއުއެއްގޮތެއްގައި ދިއްގަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަވައިދެއްވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު އަމަލީގޮތުން ފެށިގެންދާއިރު، މިހާރު އެއްބަސްވުމުގައި ހިމެނޭ އަދަދަށްވުރެ އިތުރަށް ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިމަޝްރޫއުއިން، އާބާދީ އެއްފަސްކުރުމުގެ ސިޔާސަތަށްވެސް ފަހިވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އުމްރާނީ ތަރައްގީގެ މަސައްކަތުގެ ތެރޭގައި ބަނދަރު ޖާގައާއި ހަލާކުވެފައިވާ ބައިތައް އަލުން ތަރައްގީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ކުރީކޮޅު ފެށުމަށް ނިންމާފައިވާކަމަށެވެ.
މީގެއިތުރުން ދިއްގަރު ސްކޫލަށް އިތުރު ނުވަ ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލެއް ހިމެނޭހެން އިމާރާތެއް ބިނާކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ފުޓްބޯޅަ ދަނޑާ، ހުއްޓިފައި އޮތް ފިޓްނަސް އެންޑް ރެކްރިއޭޝަނަލްގެ މަސައްކަތާއި ވޮލީކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ދިއްގަރަކީ، މަސްވެރިކަމުގެ ސިނާއަތް ފުޅާ ސަރަޙައްދަކަށްވުމާއެކު، މަސްވެރިންނަށްވެސް ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމަށެވެ.