2026 ވަނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ހާއްސަކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ހުށަހަޅުއްވަނީ، 2026، 2027 އަދި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްކަމަށެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްގީގެ ވާހަކަތައް ކުރިއަށްދާންޖެހޭނީ ދެފުށްފެންނަ ގޮތަކަށް، ރައްޔިތުންގެ ބައިވެރިވުމާއެކުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 20 އަހަރުގެ ތަރައްގީގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައިވެސް، ސީދާ ގޮތުންނާއި، ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް، ރައްޔިތުން ޝާމިލުކުރައްވާނޭކަމަށެވެ. މި ޕްލޭންގައި އެކުލެވެނީ ރައްޔިތުން ބޭނުންވާ ތަރައްގީކަން ކަށަވަރުކުރެއްވުމަށް، ޓީމްތައް ރަށްރަށަށް ގޮސް، ހިޔާލާއި މަޝްވަރާ ހޯއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީވެސް، އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން ތަރައްގީ އެކޮޅުކޮޅުން ޖެހުނަ ނުދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްގީގެ މާސްޓަރ ޕްލޭނާ ގުޅޭ ގާނޫނެއްވެސް އެކުލަވާލައްވަމުން ގެންދަވާކަން ރައީސް ހާމަކުރެއްވިއެވެ.
މި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި ވަށާޖެހޭ ތަރައްގީ އާއި ހަމަޖެހުން ގާއިމްކުރުންކަމަށް ރައީސް ވިދާޅުވިއެވެ.