ފ. ދަރަނބޫދޫ ގިރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮރުގައި ބަލައި، އެ މައްސަލަ ހައްލުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ދަރަނބޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ މައްސަލައަކީ ރަނގަޅަށް ދިރާސާކުރެވެންޖެގޭ މައްސަލަ އެކެވެ. އެހެންވެ، އެ މަސައްކަތް އެ ރަށު ކައުންސިލާ ގުޅިގެން ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއަސް އަންގަވާނެ ކަމަށް ވިދާޅުވި އެވެ.
“އެހެންވީމާ އެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ކައުންސިލާ ގުޅިގެން ބަލާ ހަދާފަ މިއަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާނަން އެ މަޝްރޫއު.” ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން މި ދެ އަހަރު ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިހާރު ފުލުހުންގެ ޚިދުމަތް ދޭ ރަށްރަށުގެ ތެރެއިން ކުއްޔަށް އިމާރާތްތައް ނަގައިގެން ޚިދުމަތް ދޭ ފުލުހުންނަށް އަމިއްލަ އިމާރާތެއް އެ ރަށްރަށުގައި ތަރައްގީކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ދަރަނބޫދޫގައި ވެސް މިއަހަރު ތެރޭގައި އެ މަޝްރޫއު ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
“ސަބަބަކީ އަޅުގަނޑުމެން ބޭނުން ރައްޔިތުންނާ މިހާ ގާތުން ޚިދުމަތްދޭ މުއައްސަސާއެއްގައި އެ މުއައްސަސާއަށް ބޭނުންވާ ފެންވަރުގައު ޚިދުމަތް ދެވޭ ގޮތަށް މަގުފަހިކޮށްދޭން. އަމިއްލަ އިމާރާތެއް ހުރެގެން އެއްވެސް ފަރާތަކަށް އެކަމުގެ ސަބަބުން ފުލުހުންނަށް ވެސް ޚިދުމަތް ދޭން ހުރަސްތަކެއް ކުރިމަތިނުވާގޮތަށް ވީހާވެސް ފުރިހަމައަކަށް ޚިދުމަތް ދެވޭ ގޮތް ރައްޔިތުންނަށް ވެސް ރަނގަޅު ނަތީޖާ ނުކުންނާނެތީ އެކަން ކުރަން” ރައީސް ވިދާޅުވި އެވެ.