ADVERTISEMENT

420595_f0380c70-6_

ހިތަށް އެރި އެއްޗެއް ލިޔުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން: ރައީސް

ހިތަށް އެރި އެއްޗެއް ލިޔުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވ. ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެޖަލްސާގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެނޫނާ ގުޅިގެންވެސް ތަފާތު ދޮގުތައް ފަތުރަމުންދާކަމަށެވެ. ގާނޫނުގައި އޮތް އެއްޗެއް ބެލުމެއް ނެތި، މިފަދަ ދޮގުތައް ފެތުރުމަކީ ވަރަށް ނާތަހުޒީބު އަމަލުތަކެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުން ބާރުއަޅަނީ ތެދު ބަހުން ލިޔުމަށްކަމަށެވެ. ހިތަށް އެރި އެއްޗެއް ލިޔުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ގާނޫނު ނެގެހެއްޓެވުމަށްޓަކައިކަމަށެވެ. ގާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ގަބޫލުކުރާ ހަމަތަކާއި އުޞޫލުތައް ހިފަހައްޓަންޖެހޭކަންވެސް ރައީށް ހަނދާންކޮށްދެއްވިއެވެ. ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާނީ، ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްގީކޮށް، އެމީހަކަށް ހައްގު އިޙުތިރާމާއި އިއްޒަތް އަނެކާއަށްވެސް ހައްގުވާނޭކަން ބަލައިގަނެ، އެގޮތަށް ޢަމަލުތައް ބެހެއްޓުމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް، އަދި އިންސާނުންނަށް ވީތީވެސް، އަޅުގަނޑުމެން ދުރުހެލިވާންޖެހޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުންވެސް އަންގަނީ، ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށްކަމަށާއި، ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ގާނޫނާ ބެހޭގޮތުން ގޮތްނިންމުމުގައިވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ވިސްނައިގެން ގޮތްނިންމުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT