ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ފުލިދޫއަކީ ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށެއްނަމަވެސް، ބިން ކުޑަ ރަށެއްކަމަށާއި އެންމެ މުހިންމު ކަމެއްގޮތުގައި ރަށުގެ ބިން ހިއްކިގެން ދިއުމަކީ ރަށުގެ ރައްޔިތުން އެންމެ ބޮޑު އެދުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދު އަމަލީ މަސައްކަތް ފެށި، ފުލިދޫގެ ބަނދަރުގެ މަސައްކަތް ކުރާއިރު އެ ރަށު ބިން ހިއްކުމުގެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައުދުވި ފަދައިން އަދި މިރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު މައްސަލަ ހައްލުކޮށްދިނުމަށްޓަކައި، ބަނދަރާއި ގުޅުގެން ދާގޮތަށް މިރަށަށް 12 ހެކްޓަރުގެ ބިން ބިން އިތުރުކުރުމުގެ މަޝްރޫއުއެއް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ދެން.” ރައީސް ވިދާޅުވިއެވެ.
މިކަމުގައި ރައްޔިތުން ބޭނުންވާ ގޮތް، ކައުންސިލް މެދުވެރިކޮށް ސަރުކާރަށް ފޮނުވައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
“އަޅުގަޑަށް އެނގޭ މިކަހަލަ ލޯކަލް ޓުއަރިޒަމްގެ ރަށެއްގަ، ބީޗްގެ ރީތިކަމަކީ، ފަޅުގެ ރީތި ކަމަކީ ކިހާ މުހިންމު ކަމެއްކަން. އެހެންވީމަ އެކަމަށް ތިބޭފުޅުން ވިންނަވާނެ. އެކަން ޔަގީންވާ ގޮތަކަށް މި މަޝްރޫއު ގެންދަން އަޅުގަނޑުވެސް ބޭނުން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭވަރުވާނެކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ފުލިދޫގައި އަންނަ އަހަރު ކުރީކޮޅު ފުލިދޫގައި ޑޮލަރު އޭޓިއެމްގެ ހިދުމަތްވެސް ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޮލީކޯޓުގެ މަސައްކަތާއެކު ރަށުގައި ފުޓްސެލް ދަނޑެއްވެސް އަޅައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.